ދަރުމަވަންތަ ސްކޫލްގައި ކުދިން ކިޔަވަން ތިއްބާ ފަންކާއެއް ވެއްޓިއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ފަންކާއެއް ވެއްޓުމުގެ ޙާދިސާއެއް އިއްޔެ ހިނގާފައިވާ ކަމަށާއި، އެފަދަ ކަންކަން ސިއްރުނުކޮށް އެންގުމަކީ މުހިންމު ކަމެއް ކަމުން، އެކަމުގެ މަޢުލޫމާތު ބެލެނިވެރިންނާ ޙިއްސާކޮށްފައިވާ ކަމަށެވެ.
ޝަފީއު ވިދާޅުވީ މިނިސްޓްރީގެ ފަރާތުން އިއްޔެ އެ ސްކޫލަށް ގޮސް ހުރިހާ ކްލާސްރޫމެއްގެ ފަންކާތައް ރަނގަޅުތޯ ބަލާފައިވާ ކަމަށާއި، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާކަމަށެވެ.
ދަރުމަވަންތަ ސްކޫލްގެ ކުޑަދޮރުތައް. / ފޮޓޯ: ޚުލާސާ
މިދިޔަ އަހަރުގެ އޮގަސްޓް މަހު ބޭނުންކުރަން ފެށި ދަރުމަވަންތަ ސްކޫލުގެ އާ ޢިމާރާތުގެ ކުޑަދޮރުތަކުގައި ޖަހާފައި ހުރި ބިއްލޫރިތައް ތަޅައިގެންދާ މައްސަލައެއްވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ފެންމަތިވެފައެވެ. އެކަމާ ގުޅޭގޮތުން މިނިސްޓަރ އޭރު ވިދާޅުވެފައިވަނީ ފިޔަވަހިތަކަށް ބަހާލައިގެން ހުރިހާ ދޮރެއް ބަދަލުކުރާނެ ކަމަށެވެ.
ދަރުމަވަންތަ ސްކޫލްގެ އާ ޢިމާރާތް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ޙަވާލުކޮށްފައިވަނީ 4 ފެބްރުވަރީ 2020 ގައެވެ. އެއް އަހަރުގެ ތެރޭގައި ނިންމުމަށް 74.9 މިލިއަން ރުފިޔާއަށް އެ މަޝްރޫޢު ޙަވާލުކުރި ނަމަވެސް މުއްދަތަށް މަސައްކަތް ނުނިމުމުން މުއްދަތު އިތުރުކޮށް، 94 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ އެ ކުންފުންޏަށް ދީފައެވެ.