ދަރުމަވަންތަ ހޮސްޕިޓަލުގައި ޒަމާނީ ހައިބްރިޑް އޮޕަރޭޓިން ތިއޭޓަރެއް ބޭނުންކުރަން ފަށައިފިއެވެ. މިއީ ސަރުކާރުގެ މައި ހޮސްޕިޓަލުކަމުގައިވާ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް11) ގައި ގާއިމްކޮށްފައިވާ އައު ވަސީލަތެކެވެ.
އައިޖީއެމްއެޗްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކެތު ލެބެއް ވެސް ހިމެނޭ ޒަމާނީ ހައިބްރިޑް އޮޕަރޭޓިން ތިއޭޓަރު އެ ހޮސްޕިޓަލުގައި ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. މި އެޑްވާންސް ފެސިލިޓީގެ ސަބަބުން ނާރުގެ އޮޕަރޭޝަންތަކާއި، ހިތުގެ އޮޕަރޭޝަންތަކުގެ އިތުރުން އަދި ބެދިފައި ހުންނަ ލޭ ހޮޅިތައް ރަނގަޅު ކުރުމުގެ ޕްރޮސީޖަރތައް ހެދޭނެކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.
އައިޖީއެމްއެޗްއިން ފާހަގަކޮށްފައިވާ ގޮތުގައި މިއީ ދުނިޔޭގެ ފެންވަރުގެ ސިއްޙީ ޚިދުމަތް ރާއްޖެއަށް ލިބިގެންދިއުމުގެ ފެށުމެކެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތް ނިންމާ އެތަނުގެ ބޭނުން ކުރަން ފަށާފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މި ހޮސްޕިޓަލުގައި އާދައިގެ ހަތަރު އޮޕަރޭޝަން ތިއޭޓަރުގެ އިތުރުން މި ހައިބްރިޑް ތިއޭޓަރު ގާއިމްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
މި އައު ވަސީލަތް ބޭނުންކުރަން ފެށުމާއެކު، ރާއްޖޭގެ ސިއްޙީ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބި، ރާއްޖޭގައި ދެވޭ ސިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.