ތިލަދުންމަތި އުތުރުބުރީ އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އިހަވަންދޫ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އިހަވަންދޫގައި މިއަދު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، މުހައްމަދު ވަޖީހް އިބްރާހިމެވެ. އަދި އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް، އަހްމަދު ސޮބާހެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއީއޯ ވަޖީހް ވިދާޅުވީ، އިހަވަންދޫގައި ތަރައްގީކުރާ ޑޮކްޔާޑާއި ސްލިޕްވޭއަކީ އުތުރުގައި ދޭން ފަށާފައިވާ މެރިޓައިމް ޚިދުމަތްތަކުގެ މުހިންމު ބައެއް ކަމަށެވެ. އަދި އެމްޕީއްޕީއެލްގެ އަމާޒަކީ ވީހާވެސް އަވަހަކަށް ޑޮކްޔާޑާއި ސްލިޕްވޭގެ ޢަމަލީ މަސައްކަތް ފެށުން ކަމަށް ވަޖީހް ވިދާޅުވިއެވެ.
"ލަސްތަކެއްނުކޮށް މިކަމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން. އުތުރުގައި މެރިޓައިމްގެ ޚިދުމަތްތައް ފަށާއިރު ހުރިހާ ކަމެއް ފުރިހަމަ ނުވިޔަސް އެކަން ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް." ވަޖީހް ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ، ރާއްޖެއަށް އޮތް ޖިއޮގްރަފިކަލް ލޮކޭޝަން އިން ފައިދާ ނެގޭނެ ކަމަށާއި މިއަދު ފައިދާއެއް ނުވިޔަސް ކުރިމަގުގައި ފައިދާ ލިބޭނެ ކަމަށެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް ސޮބާހް ވިދާޅުވީ، އެ ރަށުގައި ޑޮކްޔާޑާއި ސްލިޕްވޭއެއް ތަރައްޤީކުރުމަކީ އެ ރަށަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ޕްރޮޖެކްޓެއް ކަމަށެވެ.
"ވަޒީފާގެ ފުރުޞަތުތަކެއް ރަށުގައި އުފެދޭނެ މިކަމުން. އަޅުގަނޑުމެންގެ އުންމީދަކީ ވީހާވެސް އަވަހަކަށް ޢަމަލީ މަސައްކަތް ފެށުން." ސޮބާހް ވިދާޅުވިއެވެ.
އިހަވަންދޫގައި ޑޮކްޔާޑާއި ސްލިޕްވޭ ތަރައްޤީކުރަނީ އުތުރު މެރިޓައިމް ސަރވިސްގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމަށެވެ. މީގެ ކުރިން އެމްޕީއެލްއިން ވަނީ ތިލަދުންމަތި އުތުރުބުރީ އުލިގަމުގައި އައިއެސްޕީއެސް ގޭޓް ގާއިމްކޮށްފައެވެ. އަދި އެ އަތޮޅު ތުރާކުނުގައި ވޯޓަރ ބަންކަރިންގ ޚިދުމަތަށް ބޭނުންވާ ފެން ބާޖް ބޭއްވުމަށް ވަނީ އެ ރަށު ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއިކޮއިކޮށްފައެވެ.
މި މަޝްރޫޢުގެ ސަބަބުން އުތުރުގެ ރަށްތަކަށް އިތުރު ތަރައްޤީއާއި ވަޒީފާގެ ފުރުޞަތުތައް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މި ސަރަޙައްދުގައި މެރިޓައިމް ދާއިރާ ކުރިއަރައި، ބޯޓުފަހަރަށް ބޭނުންވާ އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.
އެމްޕީއެލްގެ މި މަޝްރޫޢުއަކީ ސަރުކާރުގެ "ނޯ ނޯތު ޕޮލިސީ" ގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަންވެސް ފާހަގަކުރެވެއެވެ. މި ސިޔާސަތުގެ ދަށުން އުތުރުގެ ރަށްތަކުގައި އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ތަރައްޤީ ގެނައުމަށް އަމާޒުކޮށް ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.
އިހަވަންދޫގައި ޑޮކްޔާޑާއި ސްލިޕްވޭ ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމާއެކު، އެ ސަރަޙައްދުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް ކުރިއެރުން ލިބި، ރަށުގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައްޔިތުން އުންމީދުކުރެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށޭނެ ތާރީޚެއް އަދި ހާމަކޮށްފައި ނުވިނަމަވެސް، ވީހާވެސް އަވަހަކަށް މަސައްކަތް ފެށުމަށް އެމްޕީއެލްއިން މަސައްކަތްކުރާނެ ކަމަށް ބުނެފައިވެއެވެ. މި މަޝްރޫޢުގެ ތަފްޞީލީ މަޢުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށްވެސް އެމްޕީއެލްއިން ބުނެފައިވެއެވެ.