ދުޅަހެޔޮ ސިއްހަތަކީ މާތް ﷲ އިންސާނާއަށް ދެއްވާފައިވާ ވަރަށް މަތިވެރި ނިއުމަތެއް ކަމަށާއި، އެ ނިއުމަތަށް ރައްކާތެރިވެ ފަރުވާތެރިވުމަކީ ކޮންމެ މުސްލިމެއްގެ ވެސް ޒިންމާއެއް ކަމަށް މިއަދުގެ ހުކުރު ހުތުބާ ހަނދާންކޮށްދީފި އެވެ.
ހުތުބާގައި ބުނީ، އެއްވެސް އިހުތިޔާރަކާ ނުލައި އިންސާނާގެ ހަށިގަނޑުގެ އެތައް މަސައްކަތްތަކެއް ހުއްޓުމެއް ނެތި އަބަދުވެސް ހިނގަމުންދާ ކަމަށާއި، އެ ކަމުގެ ހަގީގީ އަގު ވަޒަންކުރެވެނީ އެއިން ކަމަކަށް ބުރޫއަރައި ނުވަތަ އުނިކަމެއް އައުމުންކަމަށެވެ. އެހެންކަމުން މާތް ﷲ ދެއްވި އިވުމާއި، ފެނުމާއި، ހިތުގެ ނިއުމަތަށް އަބަދުމެ ޝުކުރުވެރިވެ، އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމުގައި ދެމިތިބުމަށް ހުތުބާގައި ނަސޭހަތްތެރިވި އެވެ.
މީގެއިތުރުން، އިންސާނާގެ ނަފުސަކީ މާތްﷲ ހަވާލުކުރައްވާފައިވާ މަތިވެރި އަމާނާތެއްކަން ފާހަގަކޮށް، ހިތް އެދޭހައި ގޮތަކަށް އެ އަމާނާތް ނަގައިލުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެން ނުވާކަމަށް ހުތުބާގައި ބުންޏެވެ. ގަސްދުގައި ހަށިގަނޑަށް ގެއްލުންދިނުމާއި، ނުރައްކާތަކަށް ނަފުސު ހުށަހެޅުމާއި، ސިއްހަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ، މިއަދު ލިބިފައިވާ ބާރާއި ޒުވާންކަމަކީ އަބަދު ދެމިއޮންނާނެ ކަމެއް ނޫން ކަމަށާއި، އުމުރުން ދުވަސްވެ ހަށިގަނޑުގެ ބާރުދެރަވެ އެހެން މީހުންގެ އެހީއަށް ބޭނުންވާނޭ ދުވަހެއް އަންނާނެ ކަމަށެވެ. އެހެންކަމުން ބަލިތަކާއި މުސީބާތްތައް ކުރިމަތިވާ ހިނދު ކެތްތެރިވެ، މާތް ﷲ އާ އޮންނަ ގުޅުން ވަރުގަދަކުރަންޖެހޭ ކަމަށް ހުތުބާގައި ފާހަގަކުރި އެވެ.
ހަމައެއާއެކު، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މައިގަނޑު ބޭނުމަކީ ހަމައެކަނި ބަލިތަކުން ދުރުހެލިވުން ނޫން ކަމަށާއި، އެއީ މާތް ﷲ އަށް އަޅުކަންކޮށް ކުއްތަންވުމަށާއި ހެޔޮ އަމަލުތައް ކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ހުތުބާގައި ހަނދާންކޮށްދިނެވެ. އަދި ހަލާލު ރަނގަޅު ތަކެތި ކައިބޮއި އުޅުމަށާއި، ސިއްހަތާއި ހުސްވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ގޮވާލަމުން، އެ ނިއުމަތްތަކާ މެދު ގިޔާމަތް ދުވަހުން ސުވާލުވެވޭނެކަންވެސް ހުތުބާގައި ހަނދާންކޮށްދިނެވެ.





