ކުއްލި ހާލަތެއް ދިމާވެ ސްރީލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ)އަށް އޭ-380 މަރުކާގެ މަތިންދާބޯޓެއް ޖައްސައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ފަސިންޖަރުން އުފުލާ މަތިންދާބޯޓު އޭ-380 މަރުކާގެ މަތިންދާބޯޓެއް އިއްޔެ ރޭގެ ވަގުތެއްގައި ސްރީލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ)އަށް ކުއްލި ގޮތަކަށް ޖައްސާފައި ވަނީ އެ ބޯޓުން ދަތުރުކުރި ފަސިންޖަރަކު ކުއްލިގޮތަކަށް ބަލިވުމާ ގުޅިގެން ކަމަށް އެއާޕޯޓުގެ ޑިއުޓީ އޮފިސަރަކު ކަށަވަރުކޮށްދީފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.
އެ ގައުމުގެ މީޑިއާތުގައި ރިޕޯޓުކޯށްފައިވާ ގޮތުގައި، މި މަތިންދާބޯޓަކީ ދުބާއީ އިން އޮސްޓްރޭލިއާގެ ބްރިސްބޭންއަށް ދަތުރުކުރަމުން ދިޔަ އެމިރޭޓްސްގެ ފްލައިޓް އީކޭ-434ގެ ބޯޓެކެވެ. މި ބޯޓު ބީއައިއޭ އަށް ޖައްސާފައި ވަނީ ރޭ ގާތްގަނޑަކަށް 19:15 ހާއިރު ސްރީލަންކާގެ ވައިގެ ސަރަހައްދުގައި އޮއްވާ އޮންބޯޑް މެޑިކަލް އެމަޖެންސީ ރިޕޯޓް ކުރުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އެއާޕޯޓްގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ ފަސިންޖަރަށް އަވަސް ފަރުވާ ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއްވެސް ކޮށްފަ އެވެ.
ހާދިސާ މިގޮތަށް ހިނގި ނަމަވެސް މި ބޯޓު އަލުން ކަޓޫނާޔަކޭ އިން ފުރައިގެން ބޭބްރިސްބޭންއަށް ދަތުރު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ސްރީލަންކާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.










